މާލެ ސިޓީގެ ސްކޫލުތައް ހުޅުވާ، ގްރޭޑް 9 އަކުން މަތީގެ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދޭން ފަށައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ފަހުން މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.

އަނެއްކާވެސް ކޮވިޑް ކޭސްތައް މަދުވެ، ހާލަތު ރަނގަޅުވުމުން މިވަނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭން ސްކޫލަށް ގެންދަން ފަށާފައެވެ. ދަރިވަރުން ސްކޫލަށް ދާން ޖެހެނީވެސް، މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. އަދި ހަމައެއާއެކު ސްކޫލުތެރޭގައި ފަސޭހައިން އަތް ދޮވެވޭ ގޮތާއި ގައިދުރުކަން ބެހެއްޓޭ ގޮތް އިންތިޒާމް ކޮށްފައިވާއިރު ދަރިވަރުންނަށް ސްކޫލަށް ވަނދެވޭނީ ހުން ބެލުމަށްފަހުއެވެ.