ޗުއްޓީއަށް ފަހު، މާދަމާ އޮންނަ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިނިސްޓާ އޮފް ޕްލޭނިން ހައުސިން އެންޑް އިންސްފްރާސްޓްރަކްޗާ، މުހައްމަދު އަސްލަމާ ސުވާލު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރު އަސްލަމާ ސުވާލުކުރުމަށް ހުށަހަޅާފައި ވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. އެގޮތުން އޭނާ ސުވާލު ކުރައްވަނީ މާވަށުގެ އުދައަރާ ސަރަހައްދު ހިމާޔަތް ކުރުމާއި ބިން ހިއްކުމާ ބެހޭގޮތުންނެވެ.

"ދާދިފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރާގައި އުދަ އަރާ އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި، ލ. މާވަށް ހިމެނޭ. އެހެންކަމުން ލ. މާވަށަށް އުދައަރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނީ ކިހާ ހިސާބެއްގަތޯ އަދި މި މަސައްކަތް ނިންމާލެވޭނީ ކިހާ މުއްދަތެއްގަތޯ"
ސައީދު

އަދި މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ސާވޭ ނިމި، ކުރެހުންތަކަށް ކައުންސިލުގެ ރުހުން ވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން މާވަށުގެ ބިންހިއްކުމުގެ މަސައްކަތް ފެށޭ ތާރީހާ ބެހޭގޮތުން ވެސް ސުވާލު ކުރުމަށް ސައީދު ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މޭޒުން ވަނީ މާދަމާގެ ޖަލްސާގައި 3 ކަމެއް ހުށަހެޅުމަށް އެޖެންޑާ ކޮށްފައެވެ. އެއީ އެޗްއާރްސީޢެމާއި އެންއައިސީގެ މެންބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމެވެ. އަދި ރާއްޖެއިން އދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރިޕްރަޒެންޓޭޓިވް ޑރ. އާސިމް އަބްދުﷲ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ރާއްޖޭގެ މަންދޫބުގެ މަގާމަށް އައްޔަން ކުރުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުން ވެސް ހިމެނެއެވެ.

ހަމައެއާއެކު، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން ވެސް ވަނީ މާދަމާއަށް ތާވަލު ކޮށްފައެވެ.