މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި ބިދޭސީ މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، މަސްތުގެ ހާލުގައި މަގުމަތީގައި އުޅުނު ބިދޭސީ މީޙާގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔަ ކަމަށާއި ނަމަވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

އެހެން ނަމަވެސް އެ މައްސަލަ ފުލުހުން ގެންދަނީ އަދި ވެސް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

އެ ބިދޭސީ މީހާ މަސްތުގެ ހާލުގައި ހުރެ މަގުގެ ދުވާރު މަތީ އިށީނދެ އިނދެ ވާހަކަ ދައްކާ އޯޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ ދީނަށް ފުރައްސާރަ ކުރާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ. ބައެއް ބައި ބައި އިނގިރޭސި ބަހުން ބުނާއިރު އަނެއްބައި ތަންތަން އޭނާ ކިޔަމުން ދިޔައީ އޭނާގެ ގައުމުގެ ބަހުރުވައިންނެވެ.

އެ ވީޑިއޯ ޝެއާ ކުރައްވަމުން އިދިކޮޅު ޖޭޕީއަށް ނިސްބަތްވާ އަހުމަދު ނިހާން ހުސެން މަނިކު ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހާ ވަގުތުން ވަގުތަށް ހައްޔަރުކޮށް ދުވަހަކުވެސް ދެން އެމީހާއަށް ރާއްޖެއަށް ނާދެވޭނެ ގޮތަށް ޑީޕޯޓް ކޮށްލުމަށް ނިހާން ގޮވާލެއްވިއެވެ. އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އެކަމަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އޭނާ ގޮވާލެއްވިއެވެ.