އެމްއެންޑީއެފްގެ ޓްރެއިނިން އަކަށް ލ. ގަމަށް ދިޔަ 93 މީހުންގެ ތެރެއިން 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ވެއްޖެއެވެ

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާހީން ވިދާޅުވީ، ގަމުން ރޭގެ ސާމްޕަލް ނެގި 93 މީހެއްގެ ނަތީޖާ ލިބުނު އިރު އޭގެތެރެއިން 25 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 93 މީހުންނަކީ އެމްއެންޑީއެފްގެ ފަރާތުން ޓްރެއިނިން އަށް އެ ރަށަށް ދިޔަ ބެޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ 93 މީހުން އެ ރަށަށް ސިއުމަށް ފަހު އެމްއެންޑީއެފްގެ ޓްރެއިނިންގް ސައިޓުގައި ކަރަންޓީންގައި މަޑު ކުރިކަމަށް ޝަހީން ވިދާޅުވިއެވެ. އަދި އެ ސަރަހައްދަކީ އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ވަކިން ޓްރެއިނިން އަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އެ ސަރަހައްދު އޮތް އިރު އެ ތަނަކީ ސެކިއުރިޓީ ވަރުގަދަކޮށް ބަލަހައްޓާ ތަނެއް ކަމަށާއި އާންމުން ދިއުން މަނާ ސަރަހައްދެއް ކަަމަށް ވެސް ޝާހީން ފާހަގަ ކުރެއްވެވިއެވެ.

93 މީހުންގެ ސާމްޕަލް ރޭގެ ވަގުތެއްގައި ނަގާފައި ވާއިރު މިޙަތާނަށް އައި އިރު 24 ފަރާތެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް ޝާހީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ބަލި އަންނަނީ ބައެއް ރަށްރަށުން ފެންނަމުންނެވެ. ރަށްރަށުން މި ބަލި ފެނިފައިވަނީ ފުރަބަންދުގައި ހުންނަ މީހުންގެ ފަރާތުންނެވެ. މީގެ އިތުރުން ދާދި ފަހުން އައްޑު ސީޓީގައި ގާއިމް ކުރަމުންދާ ފުލުހުންގެ ޓްރެއިނިން ސެންޓަރެއް އެޅުމަށް އައްޑުއަށް ދިޔަ ބިދޭސީން ތަކެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 10،398 އަށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 1144 މީހުންނެވެ.