ރޭގަނޑު 10 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް ރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީގައި ވެހިކަލް ދުއްވުން މަނާ ކުރި ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ރޭގަނޑު 10 އިން ފަތިހު ފަހެއް ޖަހަންދެން ވެހިކަލް ދުއްވޭނެ ކަމަށް އެޗްޕީއޭއިން ވަނީބުނެފައެވެ.

މީގެ ކުރިން އެޗްޕީއޭއިން އަންގާފައި ވަނީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލޭގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާކޮށް ވަގުތެއް ކަނޑައެޅީ މާލެއިން ފެންނަ ކޭސްތައް ވަރަށް ބޮޑަށް ގިނަވާން ފެށުމުންނެވެ. ނަމަވެސް، މިހާރު ކޭސްތަކުގެ އަދަދު އަނެއްކާ ވެސް ވަނީ ދަށްވެފައެވެ.

ރޭގަނޑު 10 ޖަހަންދެން ދުއްވަން ހުއްދަދިން ނަމަވެސް ބޭރުގައި އުޅޭ ވަގުތު މާސްކު އެޅުން އަދިވެސް މަޖުބޫރުވާނެއެވެ. އަދި ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާވާނެއެވެ.