ގއ. ދާންދޫގައި ހިނގި މާރާމާރީއާ ގުޅިގެން 9 މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދާންދޫގައި ހިންގި މާރަމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު ޒަހަމް ކޮށްލާފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ 9 މީހަކު ކޯޓު އަމުރެެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ ހާދިސާ ހިންގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:25 ހާއިރު ކަމަށާއި އެ މާރާމާރީގައި 3 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް އެ އަތޮޅު ވިލިގިލީ ހޮސްޕިޓަލަށް ގެންދިއުމަށްފަހު މިހާރު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާއަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ ބޮލަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މާރާމާރި ހިންގާފައި ވަނީ ދެ ގްރޫޕެެއް ދެމެދުގައެވެ. އެއް ގްރޫޕުގައި 18 އަހަރު ނުވާ ކުޑަކުދިން ހިމެނޭއިރު، އަނެއް ގްރޫޕުގައި ތިބީ 25 އަހަރުގެ ފިރިހެނުން ކަމަށް މައުލޫމާތު ލިބެއެވެ. މިތަނުން ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 18 އަހަރު ނުވާ ކުދިން ހިމެނޭ ގްރޫޕުގައި ހުރި ޒުވާނަކަށެވެ.