ކޮވިޑް-19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިބީ އަންހެނުން ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝާ މިހެން ވިދާޅުވެފައި ވަނީ އދގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި "ފޯތް ވާލްޑް ކޮންފަރެންސް އޮން ވިމެން"އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތަކުގެ އެންމެ އިސް ރޯލުތަކުން ފެށިގެން ސާމްޕަލް ނެގުމާއި، ޓެސްޓް ހެދުމާއި، ހާއްސަ ރައްކާތެރި ކަމަށް ބޭނުންވާ މީހުނަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައި، ހިތްވަރުގަދަ، ހުނަރުވެރި އަދި ގާބިލު އަންހެނުން ހަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު އައިޝާގެ ވާހަކާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގައި، ބެއިޖިން ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިއާޔަތްކޮށް އަންހެނުން ބާރުވެރި ކުރުވުމާއި، ގޮތް ނިންމާ މަރުހަލާގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމާއި، އަންހެނުންނާ މެދު ކުރެވޭ އެންމެހާއި ތަފާތު ކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިނިސްޓަރު އައިޝާ ވަނީ، މިދިޔަ މަހު 28 ވަނަ ދުވަހު ޔޫއެންޖީއޭ 75 ވަނަ ސެޝަންގެ ހައި-ލެވެލް އިވެންޓް "ސްޓްރެންތެނިން ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑާ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ އިވެންޓަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި، ޖިންސީ އަނިޔާއިން ރައްކާތެރިވުމާއި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުތަކުން ކުރިއަށް އޮތް 12 މަހަށް ރާވާފައިހުރި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި އިވެންޓެކެވެ.