ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން އިތުރު 63 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 63 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 32 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 51 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 12 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،354 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 79 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9187 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 79 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 573 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 24 ރަށަކާއި 21 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 10 ޓޫރިސްޓަކާއި 17 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ އަތޮޅުން ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. އަތޮޅުން ކަނޑިތީމާއި މަރޮށި، ރ. އަތޮޅުން އުނގޫފާރާއި ދުވާފަރު، ބ. އަތޮޅު އޭދަފުއްޓާއި ދަރަވަންދޫ، ކ. އަތޮޅުން ދިއްފުށި އާއި ގުރައިދޫ، އއ. އަތޮޅުން ތޮއްޑޫ އާއި މާޅޮސް، އދ. އަތޮޅުން މާމިގިލިއާއި ކުނބުރުދޫ، ދ. އަތޮޅުން ކުޑަހުވަދޫ، ތ. އަތޮޅުން ވޭމަންޑޫއާއި މަޑިފުށި، ގއ. ވިލިގިނލި އާއި މާމެންދޫ، ގދ. އަތޮޅުން ތިނަދޫއާއި ގައްދޫއާއި ހޯޑެއްދޫއާއި، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

ރަށްރަށުން ފެނިފައިވާ ކޭސްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމްލަ 90 މީހުންނެވެ. އެއީ 27 ދިވެހިންނާއި 63 ބިދޭސީންނެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީގައި އެކަންޏެވެ. އެ ފެސިލިޓީގައި 6 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.