ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް ހަސަން ވަހީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީގެ ރައީސް ކަމުން ހަސަން ވަހީދު އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ މިއަދު އިސްތިއުފާގެ ސިޓީ ވަނީ ހުށަހަޅުއްވާފައެވެ.
ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.
ހަސަން ވަހީދު މި މަގާމަށް ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު ހަސަން ވަހީދު އެ މަގާމަށް ހަވާލުވެވަޑައިގަތީ އޭގެ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ނިޒާރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ހަސަން ވަހީދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ދައުލަތުގެ ކުންފުނިތައް ގާނޫނާ އެއްގޮތަށް ހިންގާތޯ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނުބަލާ ކަމަށާއި އެ މަސައްކަތްތައް ނުކުރާ ކަމަށް ތުހުމަތުކޮށް މަޖިލީހަށް މައްސަލައެެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ އެސްއީއޯ ކޮމިޓީއަށް ހުށަހަޅާފައެވެ.
މި ކަމާ ގުޅޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވީ، އެ ބޯޑަކީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ބެލެނިވެރިއާ ކަމަށެވެ. އެހެންކަމުން އެ ބޯޑުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން އަމަލުކުރަން ޖެހޭ ގާނޫނީ ޒިންމާތައް އަދާކުރޭތޯ އާއި އަދި ރައްޔިތުންނަށް އެކަން ކަށަވަރު ކޮށްދިނުމަކީ އެ ކޮމިޓީއަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
އެ މައްސަލަ ހުށަހެޅުއްވި ސަބަބު ހާމަކޮށްދެއްވަމުން ބޮންޑޭ ވިދާޅުވެފައި ވަނީ، ބައެއް ކުންފުނިތަކުން ގާނޫނާ އެއްގޮތަށް އަމަލު ކުރަމުންދާތަން ފެނިވަޑައިނުގަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ތަންތަނުގެ ބޯޑަށް އައްޔަންކުރާ ފަރާތްތަކަކީ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވާ މީހުންތޯ ބެލަންޖެހޭ ކަމަށާއި ބޯޑަށް އައްޔަން ކުރާ ފަރާތްތައްް ސްކްރީން ކުރަމުންދޭތޯ ބަލާ ކަށަވަރު ކުރަންޖެހޭ ކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވެއެވެ. އަދި މީހުން އައްޔަން ކުރުމާއި ވަކި ކުރުމުގައި އަމަލު ކުރަން ޖެހޭނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ކަމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.
އަދި އެގޮތަށް އަމަލު ކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޕީބީސީ ބޯޑުން ސަރުކަރު ކުންފުނިތައް ހިންގުމަށް އެކުލަވާލަންޖެހޭ ގާނޫނުތަކާއި ބައިންލައަގުވާމީ ބެސްޓް ޕެރެކްޓިސް އާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވެފައި ވެއެވެ. އޭގެތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކުން ޕްރޮކިއުމަންޓް ސިޔާސަތު ހިންގާ ގޮތްތައް ބަލައި އެ ސިޔާސަތު ހިންގުމުގެ ގަވާއިދުތައް އެކުލަވާލައި އާންމުކޮށްފައި ވޭތޯބަލަން ޕީބީސީއަށް ޖެހޭ ކަމަށްވެސް ބޮންޑޭ ވިދާޅުވެފައި ވެއެވެ.