މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތައް ހިންގާފައިވަނީ މ. މުލީގެ އިތުރުން ތ. ތިމަރަފުށީގައި ކަމަށެވެ.

އެގޮތުން މާލެއިން ފުރައިގެން މުއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ އޮޕަރޭޝަނުގައި، އެ ބޯޓު އެރަށު ބަނދަރާ ގާތްކުރި ވަގުތު ބޯޓަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގިއިތުރު އޮޕަރޭޝަނެއްގައި މިލޫ ބަނދަރުމަތިން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ކަރުދާސްކޮޅު ފެނިފައިވާއިރު، އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

ހަމަ އިއްޔެ ތ. ތިމަރަފުށީ ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި ވެސް ވަނީ މަސްތުވާތަކެއްޗާއެކު 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އެރަށުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށެވެ.