ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމް ރޭޕް ކުރި ކަމަށް ބުނެ އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާ، އޭނާގެ މައްޗަށް ސާބިތުވެ، 3 އަހަރަށް ޖަލަށް ލާން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް 3 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ކުށަށް ދެވެން އޮންނަ އެންމެ ބޮޑު އަދަބެވެ. ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކުރި ކަން ސާބިތުވެއްޖެ ނަމަ 5 އަހަަރު ދުވަހުގެ ހުކުމެއް އިއްވޭނެ ކަމަށް ގާނޫނު ބުނެއެވެ. ނަމަވެސް މި މައްސަލާގައި ޝާހު، ޒިޔާދާ ރޭޕްކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަން ޝަރީއަތަށް ހާމަވެފައެއް ނުވެއެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަތަރު ދައުވާއެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައި ވެއެވެ.

ޒިޔާދާގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެވެ.

ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ، ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އުންސުރުތައް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭނެ ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހެޅުނު ކަމަށާއި، އެ ހެއްކާއި ގަރީނާތަކަށް އެކަށީގެންވާ ބުރަދަން ޝަރީއަތުން ދެއްވާފައި ވާކަމަށް ގަބޫލު ނުކުރާކަމަށް ބުނެއެވެ.

އެ މައްސަލައިގެ އިސްތިއުނާފު ދެ އަޑުއެހުމެއް ހައިކޯޓުގައި ވަނީ ބާއްވައިފައެވެ. މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ ޝަރީއަތް ދައުލަތުން އެދިގެން ވަނީ ސިއްރުކޮށްފަ އެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެއެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.