ހަކުރުބައްޔަށް ފަރުވާ ކުރާ މީހުންނަށް ހާއްސަ ނެޝަނަލް ޑައިބެޓިކް ސެންޓަރު (ވަން ސްޓޮޕް ޑައިބެޓިކް ސެންޓަރު) ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަނގިފިލާގައި މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވާފައި ވަނީ މިފަދަ ބަލިމީހުންނަށް އެއް ފުރާޅެއްގެދަށުން މި ހިދުމަތް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި ވާތީއެވެ. ހަމައެއާއެކު، ހަކުރުބައްޔަށް ފަރުވާހޯދާ މީހުން އިތުރުވުމާއި މި ބަލީގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

މި ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެން ދާނެ ސެންޓަރެކެވެ. މި އިންތިޒާމު ތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރައްވާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނެއެވެ.

މި ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު އެނބުރި ދިއުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓްވެސް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން، މުސްތަގުބަލުގައި މި ސެންޓަރުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާން ކޮށްދިނުމުގެ ގޮތުން އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކަށް މެސެޖެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުން ހިމެނެއެވެ. އަދި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއި ބޭހޭގޮތުން މައުލޫމާތު ދިނުމާއި، ހަކުރު ބައްޔަށް ސްކްރީން ކުރުމާއި، ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މިކަމާއިބެހޭ ދިރާސާތައް ކުރުން ވެސް ހިމެނެއެވެ.

ހަމައެއާއެކު ކައިރި މުސަތްގުބަލެއްގައި މި ޑައިބެޓިކް ސެންޓަރު އެއް ވިއުގައެއްގެ ތެރެއިން އެހެން ރަށްތަކާއި ގުޅުވާލުމުގެވާލުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ނެޝަނަލް ޑައިބެޓިކް ސެންޓަރުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ގުޅަން ޖެހެނީ 3335329 އަށެވެ. ނުވަތަ މެއިލްގެ ޒަރިއްޔާއިން ވެސް ކުރެވޭނެއެވެ.