އަންނަ ހަފްތާގެ ހޯމަ ދުވަހު އޭ ލެވެލް އިމްތިހާން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އޭ ލެވެލް އިމްތިހާން ފެށުމާ ގުޅޭ ގޮތުން އިތުރު ތަފްސީލް ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، އިމްތިހާނުގެ ތައްޔާރީތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ 33 ސެންޓަރަކަށް ބޭނުންވާ ސުވާލު ކަރުދާސްތައް ފޯރުކޮށްދިނުމުގެ ބޮޑުބައި ވަނީ ނިންމާފައި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިއަދުގެ ނިޔަލަށް އަތޮޅު ތެރޭގެ ހުރިހާ ސެންޓަރަކަށް ސުވާލު ކަރުދާހާއި އެހެނިހެން ލިޔެ ކިޔުންތައް ފޯރުކޮށްދޭނެ ކަމަށް އިހުސާނު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރެން ފެށި ފަހުން ސްކޫލްތަކުގެ ކިޔެވުމަށް ގެންނަން ޖެހުނު ބަދަލުތަކުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ މާޗް 15 އިން ފެށިގެން ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކޮށްފައި ހުރުމަށް ފަހު މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަލުން ސްކޫލްތައް ހުޅުވާލެވުނު ކަމަށެވެ. އޭރު މާލޭ ސަރަހައްދުގައި 9، 10، 11، އަދި 12 ގެ ދަރިވަރުންނަށް ސްކޫލް ހުޅުވާލެވުނު އިރު އަތޮޅުތެރޭގައި ގްރޭޑް 1 އިން ފެށިގެން 12 އާ ދެމެދުގެ ހުރިހާ ގްރޭޑްތަކަށް ސްކޫލްގައި ކިޔެވުން ކުރިއަށް ގެންގޮސްފައި ވެއެވެ.

އެއަށްފަހު މިދިޔަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނަވާން ފެށުމުން މާލޭ ސަރަހައްދުގެ ސްކޫލަތަކުގައި ކިޔަވައިދިނުން މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް މާލެ ސަރަހައްދުގައި ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔަ ކަމަށާއި އެއީ އެ ދަރިވަރުންގެ އިމްތިހާން ގާތްވެފައި އޮތުމުން ކަމަށް މިނިސްތަރު އައިޝަތު އަލީ ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ވަނީ އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަށުގައި ތިބި ނަމަ، މިދިޔަ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް އިލްތިމާސް ކޮށްފައެވެ.