2023 ވަނަ އަހަރަށް ކޮންމެ އަތޮޅަކުން ރަށަކާއި ފަރެއްގެ އިތުރުން ކުޅިއެއް ހިމާޔަތް ކުރައްވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ހުސެން ވިދާޅުވީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށާއި ކުޅިއެއްގެ އިތުރުން ފަރެއް ހިމާޔަޔް ކުރައްވާނެ ކަމަށެވެ.

އިތުރުން އޭނާ ވިދާޅުވީ ވޭތުވެ ދިޔަ ދޮޅުއަހަރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން 20 އަތޮޅުގެ ތެރެއިން 7 އަތޮޅުން އެއް ރަށާއި ފަރެއްގެ އިތުރުން ކުޅިއެއް ހިމާޔަތް ކޮށްފައިވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްތައް ހިމާތްކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ޅ އަތޮޅުގެ މާގަނދު (އެނިމޮނީ) ތިލަ، ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށް ކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ.ދަށުގިރި ފިނޮޅު ސަރަހައްދު ހިމާޔަތްކުރަން ވަނީ ނިންމާފައެވެ.

އަދި އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދުވެސް ވަނީ ހިމާޔަތް ކުރަން އެ މިނިސްޓްރީން ނިންމާފައެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރި ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދު ތަކެއްގެ ގޮތުގައި ކަނޑައަޅާ ގެޒެޓް ކޮށްފައެވެ.