މ. ނަލަހިޔާ މަންޒިން މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝް ކުއްޖަކު ނިޔާވި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށް އިހުމާލުގެ ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހައި ކޮޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ ފަރާތުންނެވެ.

ޖިއާންގެ މަރުގެ މައްސަލައިގެ ދައުވާ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައި ވަނީ ހަ މީހެއްގެ މައްޗަށެވެ. އެއީ ދެ ދިވެހިންގެ އިތުރުން އިންޑިއާގެ ހަތަރު މީހެކެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވާ ދެ ދިވެހިންނަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ސައިޓު ސްޕަވައިޒަރު، (ދަފްތަރު ނަންބަރު 7198) އާދަމް ޝަފީގާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓާ، (ދަފްތަރު ނަންބަރު 8424) މޫސާ ހަސަންއެވެ. ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް، ކްރިމިނަލް ކޯޓުން ނިންމީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ޝަފީގް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށެވެ.

ޝަފީގް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމީ ޝަފީގްގެ ފަރާތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެއީ ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައި އޮތުމުންނެވެ.

އިސްތިއުނާފް މަރުހަލާގައި މައްސަލަ ބަލަން ޖެހެނީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމާއި ދިފާއުތަކަށް ބަލައިގެންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ވިދާޅުވީ ޝަފީގްގެ މައްސަލާގައި ދައުލަތުން ދަށު ކޯޓުގައި ފާހަގަ ނުކުރާ ނުކުތާއެއް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި އެފަދަ ނުކުތާއަކާ މެދު ހައި ކޯޓުން ގޮތެއް ނިންމާ ނަމަ، ޝަފީގްގެ އިސްތިއުނާފީ ހައްގަށް އުނިކަން އަންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުން އިސްތިއުނާފް ކުރި މައްސަލަ މައުޟޫއީ ގޮތުން ހައި ކޯޓުގައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވިއެވެ.

މިއަދު މި މައްސަލަ ބެއްެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ޖިއާން މަރުވި ހާދިސާގައި ދައުވާ ކުރި 6 މީހުންގެ ތެރެއިން ހުކުމްކޮށްފައި ވަނީ 5 މީހަކަށެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީ އަކާއި ދިވެއްސެކެވެ. ބިދޭސީންނަކީ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދެވެ. އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންއެވެ.

އެގޮތުން އެ ކުންފުނީގެ ދިވެހި ސްޕަވައިޒަރުގެ މައްޗަށް މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ސާބިތުވެ 100،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. ބާކީ ތިބި ބިދެސީންގެ ތެރެއިން ދެ ބިދޭސީއަކު 7000 ރުފިޔާއިން ޖޫރިމަނާކޮށް ދެ ބިދޭސީއްގެ ތެރެއިން އެކަކު 6 އަހަރަށް އަދި އަނެކަކު 3 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.

ޖިއާން މަރުވި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރަތް ކުރުމުގެ ހުއްދަ އޭރު އަތުލިއެވެ. އޭގެފަހުން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޑަބްލިއު ކޮންސްޓްރަކްޝަނަށް ވަނީ އިމާރާތް ކުރުމުގެ ހުއްދަ އަނބުރާ ދީފައެވެ. ނަމަވެސް މ. ނަލަހިޔާ މަންޒިލްގައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތްތަކަށް އަދި ހުއްދައެއް ނުދެއެވެ. އެއީ އެ ހާދިސާގެ ތަހުގީގު ނުނިމޭތީއެވެ.