ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދަން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ރޭ 12:45 ހާއިރު މާފުށި ޖަލު ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި 6 ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެ މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.