ރާއްޖެއަށް ހަދިޔާ ދޭން "ނަމުގައި" އައި އިންޑިއާ މީހުން 8 އަހަރު ވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލު ވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރެވެމުން ދިޔަ ޑޯނިއާ މަތިންދާބޯޓު މިއަދުގެ ރާއްޖެ ގެނައުމާ ގުޅިގެން އުމަރު ވިދާޅުވީ މިއަދަކީ އަނެއްކާ ކަޅު ދުވަހެއް ކަމަށާއި މި ނުރައްކަލުގެ ވާހަކަ ދައްކަން ފެށިއިރު އެކަން ގަބޫލު ނުކޮށް ތިއްބެވި ފަރާތްތަކަށް މިހާރު ވަމުންދާ ގޮތް އިހުސާސް ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެގޮތުން "ހަދިޔާ އެއް ދޭން" ކަމަށް ނިންމައިގެން އައި މީހުން ވޭތުވެދިޔަ އަހަރުތަކުގައި 3 އުޅަދާ 200 ސިފައިންނަށް މިހާރު ބަދަލުވެފައި ވާއިރު، ކިތަންމެ ގިނަ ބަޔަކު ރާއްޖެ ގެނައި ނަމަވެސް ރާއްޖެއިން ބާލާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

މިއަދަކީ އަނެއްކާ ކަޅު ދުވަހެއް. މި ނުރައްކަލުގެ ވާހަކަ އަޅުގަޑުމެން ދައްކަން ފެށިއިރު މިކަން ގަބޫލު ނުކޮށް، ތިއްބެވި ބޭފުޅުންނަށް މިވަމުންދާ ގޮތް އިޙުސާސް ކުރެއްވޭނެ ކަމަށް ހީކުރަން. ހަދިޔަާ އެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލުވީ. ކިތަންމެ ބައިވަރު ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނަން
އުމަރު

އުމަރު އެފެދައިން ވިދާޅުވެފައި ވާއިރު، މިއަދު ގެނައި މަތިންދާ ބޯޓާ ގުޅިގެން އެމްއެންޑީއެފުން ބުނެފައި ވަނީ މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ. އިންޑިއާއިން މީގެ ކުރިން ރާއްޖެ އަށް ވަނީ ދެ ހެލިކޮޕްޓަރު ވެސް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝުއޫރު ފަޅުކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ދަނީ ރާއްޖޭއިން އިންޑިއާ ސިފައިން ބޭލުމަށާއި، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނަމުންނެވެ. އަދި މިހާރުވެސް ރާއްޖޭގައި 2 ހެލިކޮޕްޓަރެއް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންގެ 26 މީހަކު ތިބި ކަމަށާއި އެމީހުން ރާއްޖެއަށް ހެލިކޮޕްޓަރު ދިނީ، ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރުމަށް ފަހު ދިވެހިންނާ އެތަކެތި ހަކާލު ކުރަން ކަމަށާއި ނަމަވެސް އެކަން ނުކުރާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެ ވާހަކަތައް އެމްއެންޑީއެފާއި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.