އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ޑޯނިއާ މަތިންދާބޯޓު ރާއްޖެ އައިސްފިއެވެ.

އެމްއެންޑީއެފުން ބުނީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރެވެމުން ދިޔަ ޑޯނިއާ މަތިންދާބޯޓު މިއަދުގެ ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެ މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާވައިލަންސް އޮޕަރޭޝަން ހިންގިފައިވެއެވެ.

މިއަދު ރާއްޖެއަށް ގެނައި ޑޯނިއާ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ގަވާއިދާ ހިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިސާތަކަށް ރިއެކްޓް ކުރުމުގައި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ގާބިލްކަން މިހާރަށް ވުރެ އިތުރުވެގެން ދާނެ ކަމަށްވެސް އެމްއެނޑީއެފުން ބުނެއެވެ.

އެފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ހަރަކާތްތެރިވާ ގޮތަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ޑޯނިއާ ފްލައިޓެއް ހަދިޔާކޮށްފައި ވާއިރު، އެގައުމުން ރާއްޖެ އަށް މީގެކުރިން ވަނީ ދެ ހެލިކޮޕްޓަރު ވެސް ހަދިޔާކޮށްފައެވެ.