އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ދޫކޮށްފައިވާ ލޯނުތައް، ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްދިނުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ އެ ކުންފުނިން ދޫކޮށްފައިވާ ލޯނުތަކުގެ މޮރިޓޯރިއަމްގެ މުއްދަތު އިތުރު ކުރުމަށް ހުޅުވާލި ދެވަނަ ފުރުސަތަށް އެދި ހުށަހެޅުމުގެ އެންމެފަހުގެ ތާރީހަކީ މި މަހުގެ 25 ކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް އެ މުއްދަތު މިހާރު އިތުރު ކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުއްދަތު އިތުރު ކޮށްދޭން ނިންމީ ކުރިން ހުޅުވާލި މުއްދަތު ފާއިތުވި އިރު އެކިއެކި ސަބަބުތަކާ ހުރެ ގިނަ ކަސްޓަމަރުންނަށް މޮރެޓޯރިއަމްއަށް ހުށަހެޅިފައި ނުވާތީ ކަމަށާއި އެހެންކަމުން އެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްދީފައި ވާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްޑީއެފްސީން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

އެސްޑިއެފްސީން ނަގާފައިވާ ލޯންތަކަށް ދިން ލުއި އަހަރު ނިމެންދެން ވަނީ އިތުރުކޮށްދީފައެވެ.