މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި 4 ރަށަކުން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ކުޅުދުއްފުއްތާއި ދ. ކުޑަހުވަދޫ އާއި ތ. މަޑިފުށީގެ އިތުރުން ގދ. ތިނަދޫގައި ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އެ ރަށުގައި ހިންގި ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން 38 އަހަރުގެ ދެ މީހަކާ 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ތިން މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށާއ އެ ތިންމީހުން ހައްޔަރުކޮށް އެރަށު ތިން ގެއެއް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި، 15 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު މީހެއްގެ އަމަލުތައް ހުރިގޮތުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި އެ މައްސަލަ އާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މަޑިފުށި ޕޮލިސް ސްޓޭޝަނާ އެ އަތޮޅު ދިޔަމިގިލި ޕޮލިސް ޑެސްކް ގުޅިގެން އާދިއްތަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިޔަމަގިލިން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެ އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ތިނަދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ ރަށުގައި އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި، 23 ސެލޯފިންކޮޅުގެ އިތުރުން ފިލްމު ހުސްކުރި ދަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.