ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އިންފޮމޭޝަން ކޮމިޝަނާ ހަސަން މަނިކު ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާސްޕޯޓް އޮތޯރިޓީން ޝާއިއުކޮށްފައިވާ ގަވައިދު "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު" އުވާލާފައިވާ ކަމަށް ބުނާ މައްސަލައެއް ރޭ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޓަރާންސްޕޯޓުން އެ ގަވައިދު ޝާއިރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 16ގަ އެވެ. އަދި އެ ގަވައިދު އުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ.

ޝިޕިން އެޖެންސީތަކާއި ވިޔަފާރިވެރިންގެ ތެެރެއިން 70 ފަރާތް ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު" ބާތިލުކޮށްފައި ވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސްކުރުމެއް ނެތި ކަމަށް އެ މައްސަލައިގައި ބުނެފައި ވާއިރު، އެ މައްސަލާގައި އެދިފައި ވަނީ ބޯޑުގެ މެންބަރުންގެ ބަހެއް ނެތި އެ ގަވައިދު މިނިސްޓަރު ނަހުލާ އަމިއްލަފުޅަށް އުވާލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދުމަށް ކަމަށް ދެކެވޭތީ އެކަން ބަލައިދިނުމަށެވެ.

އެ ގަވައިދަށް އަމަލު ކުރަމުން ދިޔައިރުވެސް ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން އެ މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި އެ ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެ ގަވައިދު ބާތިލު ކުރުމުގައި މައްސަލަތަކެއް ފާހަގަކުރެވޭ ކަމަށްވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.

ގަވައިދު ތަންފީޒު ނުކުރެވޭތީ އެކަން ޓްރާސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި ހަދަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލުކުރުމަކީ، ބޯޑުން ކުރަންޖެހޭ ކަމެއް ކމަށްވާއިރު، ބޯޑުން ފާސްކުރުމެއް ނެތި މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކަންކަން ނުކުރެވޭނެ ކަމަށްވެސް އެ ހުށަހެޅި މައްސަލާގައި ފާހަގަ ކޮށްފައި ވެއެވެ.