މިއަދު ރާއްޖެއިން 59 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 59 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 54 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 5 މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 42 ދިވެހިންނާއި 12 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 59 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،157 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 103 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 8950 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 82 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 612 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 22 ރަށަކާއި 23 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 11 ޓޫރިސްޓަކާއި 24 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ އަތޮޅުން ހޯރަފުށި، ހދ. ހިރިމަރަދޫ އާއި ކުޅުދުއްފުށި، ށ. އަތޮޅުން ކަނޑިތީމާއި މަރޮށި، ރ. އަތޮޅުން އުނގޫފާރު، ބ. އަތޮޅު ދަރަވަންދޫ، ކ. އަތޮޅުން ދިއްފުށި އާއި ގުރައިދޫ، އއ. އަތޮޅުން ތޮއްޑޫ އާއި މާޅޮސް، އދ. އަތޮޅުން މާމިގިލިއާއި ކުނބުރުދޫ، ދ. އަތޮޅުން ކުޑަހުވަދޫ، ތ. އަތޮޅުން މަޑިފުށި، ގއ. ވިލިގިނލި އާއި މާމެންދޫ، ގދ. އަތޮޅުން ތިނަދޫއާއި ގައްދޫއާއި ހޯޑެއްދޫއާއި، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

ރަށްރަށުން ފެނިފައިވާ ކޭސްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމްލަ 38 މީހުންނެވެ. އެއީ 33 ދިވެހިންނާއި 5 ބިދޭސީންނެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫއާއި ހދ. ކުޅުދުއްފުއްޓާއި ނޮލީވަރަމް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީގައި އެކަންޏެވެ. އެ ފެސިލިޓީގައި 8 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.