ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ކުރި އިއުލާންގައި ބުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޯޓަށް އައްޔަން ކުރެވިފައި ވާ، އެކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ކަމަށެވެ.

އެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ ކޮމިޝަންގެ ރަސްމީ އީމެއިލް އަށް ސިޓީއެއް ފޮނުވުމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތން ކަމަށެވެ. އެ ގަވާއިދު ގެޒެޓުންނާއި އެ ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި އެ ކޮމިޝަންގެ ނަންބަރު 3303501 އަށް ގުޅުމަސް ޖޭއެސްސީން ބުނެއެވެ.