ރާއްޖޭގެ 8 އަތޮޅެއްގެ ޖުޑީޝަލް ދާއިރާއަށް އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

ޖޭއެސްސީން ކުރި އިއުލާން ތަކުގައި އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާން ކޮށްފައިވާ ދާއިރާތަކަކީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް، ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓް، ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް، ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓް، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް، ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓް އަދި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓް އެވެ.

މި ދާއިރާތަުން އިސް މެޖިސްޓްރޭޓް ކަމުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ ކޮމިޝަންގެ ރަސްމީ އީމެއިލް އަށް ސިޓީއެއް ފޮނުވުމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، އެ 8 އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތން ކަމަށެވެ. އެ ގަވާއިދު ގެޒެޓުންނާއި އެ ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި އެ ކޮމިޝަންގެ ނަންބަރު 3303501 އަށް ގުޅުމަސް ޖޭއެސްސީން ބުނެއެވެ.