ގދ. ތިނަދޫގައި ގާއިމް ކުރަމުންދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް އަންނަ މަހު 14 އަށް ނިމެނޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ގދ. ތިނަދޫގައި 22 އެނދުގެ ކޮވިޑް ފެސިލިޓީ އެއް ގާއިމުކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 25 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ 14 އޮކްޓޯބަރުގައި ކަމަށް ވެސް އެ ކުްނފުނިން ބުނެއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް އަޅަން ނިންމާފައިވަނީ، އެރަށުން ޕޮޒިޓިވްވި ކޮވިޑް ބަލިމީހަކު، ގއ. ވިލިނގިލީގައި ހުންނަ އެ ރީޖަންގެ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް، ވިލިނގިއްޔަށް ގެންދިއުމުން، އެރަށަށް ނޭރުވުމުގެ ސަބަބުންނެވެ. ބަލި މީހާ ވިލިނގިއްޔަށް ނޭރުވި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ވަނީ އެ ރީޖަންގެ ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރުމަށް ގޮވާލާފައެވެ. އަދި އެތައް ދެބަސްވުމަކަށްފަހު އެ މައްސަލާގައި ނިންމީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރާއްޖޭގެ 5 ސަރަހައްދެއްގައި ވަނީ ކޮވިޑް ބަލި މީހުންނަށް ފަރުވާދޭން ހާއްސަ 7 ފެސިލިޓީއެއް ގާއިމްކޮށްފައެވެ. އެގޮތުން ހއ. އިހަވަންދޫ ފެސިލިޓީގައި 3 އައިސީޔޫ ބެޑް ހުރިއިރު، ފުވައްމުލަކު ފެސިލިޓީގައި 3 އައިސީޔޫ ބެޑާއި 5 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. މި ދެ ފެސިލިޓީއަކީ ޓްރާންސިޓް ފެސިލިޓީތަކެެވެ.

އަދި ރީޖަނަލް ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫ ފެސިލިޓީގައި 30 އައިސީޔޫ ބެޑާއި 37 އައިސޮލޭޝަން ބެޑް ހުރިއިރު، ބ. އޭދަފުށި ފެސިލިޓީގައި 20 އައިސީޔޫ ބެޑާއި 25 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. އަދި ލ ގަން ފެސިލިޓީގައި 15 އައިސީޔޫ ބެޑާއި، 13 އައިސޮލޭޝަން ބެޑް ހުރިއިރު، ގއ. ވިލިނގިލި ފެސިލިޓީގައި 18 އައިސީޔޫ ބެޑާއި 5 އައިސޮލޭޝަން ބެޑްގެ އިތުރުން އައްޑޫ ފެސިލިޓީގައި 23 އައިސީޔޫ ބެޑާއި 20 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ.