ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅު ތެރެއިން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި، ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް އިތުރު 3 މަހަށް ފަސްކޮށްދީފިއެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުން ދިން ހަ މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު ވަނީ އޮގަސްޓަމަހުގެ ނިޔަލަށް ހަމަވެފައި ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދިނުމަށް އެދެމުންދާތީ މި ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ތިން މަހަށް ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނީ، އިތުރު ތިން މަހަށް ކުލި ފަސްކޮށްދިން ނަމަވެސް، ކުލި ފަސްކުރާ މުއްދަތުގައި މެއިންޓެނެންސް ފީ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން އައިޑީކާޑުގެ ކޮޕީއާއި އެ މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް އެ މިނިސްޓްރީގެ އީމެއިލް އަށް މެއިލްކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.

ހަމައެއާއެކު އެ އިއުލާނާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ މިނިސްޓްރީގެ ނަންބަރު 4004968 ނުވަތަ 4004969ފޯނާއި ރަސްމީ ގަޑީގައި ގުޅުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.