މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިންގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ސަރުކާރުން މެރިން އިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން މި ކުންފުނިން ވިއްކާ ބައެއް ތަކެއްޗަށް ހެޔޮބަދަލު ގެނައުމުގެ ގޮތުންނެވެ. މި ތަކެތީގެ އަގު ހެޔޮ ކޮށްފައި ވަނީ "މާބޮޑަށްވެސް އަގުހެޔޮވެއްޖެ"ގެ ނަމުގައި އެ ކުންފުނިން ފެށީ ކެމްޕޭނުގެ ދަށުންނެވެ.

މިބަދަލުގެ ދަށުން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެންދާނެއެވެ. އަދި ޔަންމާ އިންބޯޑް އިންޖީނުން ތަކުންވެސް 7 ލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެއެވެ.

މީގެއިތުރުން މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެކުންފުނިން ވިއްކާއިންޖީނު އިންސްޓޯލްމަންޓަށް ނަގާއިރު ޑައުން ޕޭމަންޓް ކުޑަ ކޮށްފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 ޕަސަންޓުން 20 ޕަސަންޓަށް ދަށްކޮށްފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭނެއެވެ. އަދި ޔަންމާއިންޖީނު ޑައުންޕޭންމެންޓް 35ޕަސަންޓުން 20 ޕަސަންޓަށް ދަށްކުރެވިފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވޭނެއެވެ.

އެމްޓީސީސީން ބުނީ މި ކެމްޕޭނުގެ ދަށުން ޔަންމާ އަދި ސުޒުކީ އިންޖީންތަކުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިންގެ އަގުތަކަށް ގެނެސްފައިވާ ބަދަލުގެ ތަފްސީލްތައް އެމްޓީސީސީ ކަށަވަރު ޝޯރޫމަށް ގޮސްގެން ނުވަތަ ގުޅައިގެން ލިބޭނެ ކަމަށެވެ.