މުރާޖައާ ކުރުމަށްފަހު އަލަށް އެކުލަވާލި ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފަގީރުންގެ ދަފްތަރު ރިވިއު ކުރުމަށް މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުސަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިމަހު 27 އިން 29 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ޝަކުވާ ހުށަހަޅާ ފަރާތްތަކުން ލިޔުންތައް އެ މިނިސްޓްރީގެ އީމެއިލް އަށް މިމަހު 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މެއިލް ކުރުމަށް އެދިފައެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އާ ކުރުމަށް ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހު 6 ވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފުރުސަތުގައި މިއަހަރު (1441) ފިތުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ކުރިން ބުނެފައެވެ.

އެ ފުރުސަތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ދަފްތަރުން ވަކިވާން ބޭނުންވާ ފަރާތްތަކާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރުގެ ރަށުގެ ދަފްތަރަށް ބަދަލުވުމަށް ބޭނުންވާނަމް އެކަން ބަޔާންކޮށް ސިޓީހުށަހެޅުމަށް ވެސް އަންގާފައެވެ.