ގެސްޓު ހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހޭގޮތަށް ކަރަންޓީނުގެ އުސޫލަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗުޕީއޭ) އިން އިއްޔެ ބަދަލު ގެނެސްފިއެވެ.
އެޗްޕީއޭންގެ އާ އުސޫލުގައިވާ ގޮތުން، ގެސްޓު ހައުސް ހިންގާ ރަށްރަށުގެ އިތުރުން އޮޕަރޭޓް ކުރަމުންދާ ރިސޯޓުތަކާއި އޮޕަރޭޓްކުރަން ނުފަށާ ރިސޯޓުތަކުން ވެސް މީހުން ދިރިއުޅޭ ރަށަކަށް ދާ ނަމަ ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި އިންޑަސްޓްރިއަލް ރަށަކަށް މަސައްކަތު މީހުންނަށް ވެސް މަސައްކަތަށް ނުކުމެވޭނީ އެ ރަށެއްގައި ކަރަންޓީނު ކުރުމަށް ފަހު، ކޮވިޑް ޓެސްޓްކޮށް ނެގެޓިވް ވުމުން ކަމަށް އުސޫލުގައި ބުނެއެވެ.
ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް އަންނަ މަހުގެ 15ގައި ހުޅުވަން މިހާރު ވަނީ ހަމަޖެހިފައެވެ.
ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސް ތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކައުންސިލްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުމާއި އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން އަދި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ.
ރަށްރަށުގެ ގެސްޓް ހައުސްތަށް އަންނަ މަހު ހުޅުވާލަން ނިންމާފައިވާ ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ނިންމާފައި ވަނީ ނޮވެމްބަރު މަހު ކުރީކޮޅު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.