މިއަދު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 31 ކަމަށާއި ބަލިން ރަނގަޅުވެފައި ވަނީ 81 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ބުނީ، އިއްޔެ 6:00 އިން މިއަދު 6:00 އާ ދެމެދު 31 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި، އެއާއެކު، ރާއްޖެއިން ކޮވިދް ޖެހުނު ޖުމްލަ މީހުންގެ އަދަދު 10045 އަށް އަރާފައިވާ ކަމަށެވެ. މިއަދު މިބަލިން 81 މީހަކު ރަނގަޅުވެފައިވާއިރު، ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8754 އަށް އަރާފައެވެ.

މިހާރު ބަލި ޖެހި އެކްޓިވް ކޭސްތަކުގެ ގޮތުގައި 1250 ކޭސް އުޅޭއިރު، އޭގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 771 ކޭސްއެވެ. އަދި ހޮސްޕިޓަލުގައި 84 ކޭސް އުޅޭއިރު، ދެން ތިބި ކޭސްތައް ތިބީ ހޯމް އައިސޮލޭޝަނުގައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 20 ރަށަކާއި 24 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 12 ޓޫރިސްޓަކާއި 30 ސްޓާފުންނެވެ. ރަށްރަށުން ފެނިފައިވާ ކޭސްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމްލަ 37 މީހުންނެވެ. އެއީ 33 ދިވެހިންނާއި 4 ބިދޭސީންނެވެ.

އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ ހޯރަފުށި، ހދ. ހިރިމަރަދޫ، ހދ. ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. މަރޮށި، ށ. ފީވަށް، ނ. މަނަދޫ، ރ. ރަސްމާދު، ބ. ދަރަވަންދޫ، ކ. ގުރައިދޫ، ެެ. މާޅޮސް، އދ. ކުނބުރުދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިގިނލި، ގއ. މާމެންދޫ، ގދ. ތިނަދޫ، ގދ. ގައްދޫ، ގދ. ހޯޑެއްދޫ، އަދި ސ. ގަމާއި ހުޅުދޫއެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫއާއި ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީގައި އެކަންޏެވެ. އެ ފެސިލިޓީގައި 8 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.