މިފްކޯގެ ޕްރެސެސިން ޕްލާންޓު، ''ކަނޑުއޮތްގިރީ ފިޝްވިލެޖް'' ގައި އަނެއްކާވެސް އާންމުންނަށް މަސް ބަންދުކޮށްދިނުމުގެ ހިދުމަތް ދޭން ނިންމައިފިއެވެ.

މިފްކޯ އިން ބުނީ ކަނޑުއޮތްގިރީ ފިޝްވިލެޖުން އާއްމު ފަރާތްތަކަށް ދެމުންއައި މަސް ބަންދު ކޮށްދިނުމުގެ ހިދުމަތް ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން އެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

އާންމުންނަށް މަސް ބަންދުކޮށްދިނުމުގެ ހިދުމަތް ދެނީ، މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމާއި، އެކްސްޕޯޓު ކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށް މިފްކޯއިން ބުނެއެވެ. އެ ކުންފުނިން ބުނީ ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތާޖާ މަހުގެ ބާވަތްތައް އިތުރުވެގެން ދިއުމުން، ރާއްޖެއަށް އެތެރެވާ ބޭރުފައިސާގެ މިިންވަރު އިތުރުވެގެން ދިއުމުގެ މަގުތަނަވަސް ވެގެންދާނެ ކަމަށެވެ.

މިފްކޯ އިން ބުނީ ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޔާއި ފަރުމަސް ބަންދު ކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ މިކަމަށް ކަނޑުއޮތްގިރީގެ ވަސީލަތްތައް ހުރި މިންވަރުން ފުރުސަތު ދޭނެ ކަމަށެވެ.

ކަނޑުއޮތްގިރީ ފިޝްވިލެޖްގައި މަސް ޕެކްކުރުމަށް އެދި ހުށަހަޅާފޯމް މިފްކޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.