ހަރުކަށި ފިކުރު ހުއްޓުވުމުގައި އެކި ދާއިރާތަކުގެ ދައުރު ފުޅާކުރުމަށާއި މުޖުތަމައު ހޭލުންތެރި ކުރުމަށްޓަކައި، ރާއްޖެއިން ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއެކު 1100 އަށް ވުރެ ގިނަ ދިވެހިން ތަމްރީން ކުރެވިފައިވާ ކަމަށް އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިޔުމާ ގުޅުންހުރި ކަންކަމަށް މީޑިއާ އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި ވެބިނާގައެވެ. މި ވެބިނާ ބާއްވާފައި ވަނީ ހަރުކަށި ފިކުރާ ގުޅޭ މައުލޫމާތާއި ހަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ މުވާސަލާތީ އުކުޅުތައް ދެނެގަތުމާއި މި މައުޟޫއަށް އަހުލުވެރިވުމަކީ، ގައުމީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް މީޑިއާގެ މައްޗަށް އޮންނަ މަސްއޫލިއްޔަތަކަށް ވާތީއެވެ.

އެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ ގެންގުޅުމާއި، މައުލޫމާތު ލިބިގަތުމުގެ ހައްގާއި މައުލޫމާތު ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ ގެންގުޅުމާ ބެހޭ ގޮތުން މީޑިއާއަށް ވަނީ މައުލޫމާތުދީފައެވެ.

އަދި ވަކިވަކި މަސްލަހަތުތަކާއި ގައުމީ މަސްލަހަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ ގެންގުޅުމާއި، ގްލޮރިފިކޭޝަނާއި ވިކްޓިމައިޒޭޝަނާ ދެމެދު ގެންގުޅެން ޖެހޭ ހަމައާ ބެހޭގޮތުން ވެސް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

މިކަމާ ގުޅިގެން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މިއަދު ބައިނަލްއަގްވާމީ މަޝްރަހުގައި އެންމެބޮޑު އެއް ނުރައްކަލަކީ، ހަލުވިކަމާއި އެކު ފެތުރެމުންދާ ޓެރެރިޒަމާ ހަރުކަށިފިކުރާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތައްކުރިއެރުވުން ކަމަށެވެ. އަދި މުޖުތަމައު ތެރޭގައި ނުތަނަވަސްކަން އުފައްދައިގެން އެގައުމެއްގެ ހެދިފައިވާ ގާނޫނުތަކުގެ ރޫހާއި، އިންތަކާއި ހަމަތަކުން ބޭރުވެ، އާންމު އިޖުތިމާއީ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފަށް މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ ފުރާނަޔާ މުދަލަށް ގެއްލުންދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން އިސްނަގައިގެން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން މަދުކުރުމަށާއި ހުއްޓުވުމުގެ މަސައްކަތްތަކުގެ ތެރެއިން، ކާމިޔާބު ކުރި މުހިންމު އެއް ފިޔަވަޅަކީ ނޭޝަނަލް ސްޓްރެޓީޖީ އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރިމިޒަމް ވުޖޫދަށް ގެނައުން ކަމުގައި ފާހަގަކުރުން ކަމަށެވެ.