ގއ. މާމެންދޫ އަދި ކޮނޑޭ އިން ޕޮޒިޓިވްވި 5 މީހަކު ގއ ވިލިނގިލީގައި ހުންނަ އެ ރީޖަންގެ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން ވިލިނގިލި ހޮސްޕިޓަލުން ބުނީ އެ އަތޮޅު މާމެންދޫގައި ކަރަންޓީނުގައި ތިއްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މާމެންދޫ އަށް ނިސްބަތްވާ 2 ކުޑަކުދިންނާއި ކޮނޑޭއަށް ނިސްބަތްވާ 3 މީހުން އިތުރު ފަރުވާ ދިނުމަށްޓަކައި ރޭ 4:15 ގައި އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީ އަށް ގެންގޮސްފައިވާ ކަމަށެވެ.
މާމެންދޫއިން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް 5 މީހަކު ޕޮޒިޓިވްވެފައި ވަނީ އިއްޔެއެވެ.
ވިލިނގިލި ކޮވިޑް ފެސިލިޓީޢަށް ރޭ 5 މީހަކު ގެންގޮސްފައިވާއިރު، އެ ފެސިލިޓީގައި އިތުރު 3 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއާއެކު، 43 އެނދުގެ އެ ފެސިލިޓީގެ 8 އެނދު ވަނީ ފުރިފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި މާލެއިން ރަށްރަށަށް ފުރަބަންދަށް ދާ މީހުން ހިމެނެއެވެ. ރަށްރަށުން ޕޮޒިޓިވްވާ މީހުންނަށް ބޭނުންވާ އިތުރު ފަރުވާ ދިނުމަށް ރާއްޖޭގެ 5 ރީޖަނެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީތަކެއް ވަނީ ގާއިމްކޮށްފައެވެ. އަދި އޭގެ އިތުރުން 2 އެމަޖެންސީ ފެސިލިޓީއެއް ވެސް ވަނީ ގާއިމްކޮށްފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގައި އޮތީ ގދ. ހޯޑެއްދޫ، ހދ. ކުޅުދުއްފުށި އަދި ނޮޅިވަރަމްއެވެ.