ދިވެހި ސިފައިންނާ ގުޅިގެން ހިންގާ ކަނޑުމަތީގެ އަސްކަރީ ތަމްރީނަކަށް އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަާފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ" މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި އެ ދަތުރުގައި، މިމަހު 27 އިން އަންނަ މަހު 04 އަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 70 ވަނަ ސާފޭސް ސަވައިލަންސް ޕެޓްރޯލެވެ. އެ ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. އެ ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރެވެ.
އެ ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އެ ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށް ފަހު އައިއެންއެސް ސުނޭނާ ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 4 ވަނަ ދުވަހެވެ.
ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިން ގުޅިގެން މީގެ ކުރިންވެސް ވަނީ ތަފާތު ހަރަކާތްތައް ހިންގާފައެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހު އިންޑިއާއިން އައި އަސްކަރީ ޑޯނިއާގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމުގެ އޮޕްރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދު އިންޑިއާގެ މަނަވަރެއް ރާއްޖެ އައިސްފައި ވާއިރު، އިންޑިއާގެ އަސްކަރީ 2 ބޯޓު ހަނިމާދޫގައި ޖައްސާފައި ވަނީވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ރާއްޖެ، އިންޑިއާއަށް ވިއްކާލަން އުޅޭ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.