ދައުލަތުގެ ކުންފުނިތައް ގާނޫނާ އެއްގޮތަށް ހިންގާތޯ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނުބަލާ ކަމަށާއި އެ މަސައްކަތްތައް ނުކުރާ ކަމަށް ތުހުމަތުކޮށް މަޖިލީހަށް މައްސަލައެެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މި މައްސަލަ ހުށާހެޅުއްވީ އެސްއީއޯ ކޮމިޓީއަށެވެ.
މި ކަމާ ގުޅޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވީ، އެ ބޯޑަކީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ބެލެނިވެރިއާ ކަމަށެވެ. އެހެންކަމުން އެ ބޯޑުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން އަމަލުކުރަން ޖެހޭ ގާނޫނީ ޒިންމާތައް އަދާކުރޭތޯ އާއި އަދި ރައްޔިތުންނަށް އެކަން ކަށަވަރު ކޮށްދިނުމަކީ އެ ކޮމިޓީއަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ދައުލަތުގެ ވިޔަފާރި ތަންތަން މޮނިޓާކޮށް އިވެލުއޭޓް ކުރުން ޕީބީސީ ބޯޑަށް މަތިކޮށްފައިވާ ގާނޫނުގައި ބުނާ ގޮތަށް އަމަލު ކުރަމުންދޭތޯ ބަލާ ކަށަވަރު ކުރުމަށް މަޖިލީހުގެ އެސްއޯ ކޮމިޓީއަށް މައްސަލައެއް މިހާރު ހުށަހާޅުއްވައިފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅުއްވި ސަބަބު ހާމަކޮށްދެއްވަމުން ބޮންޑޭ ވިދާޅުވީ، ބައެއް ކުންފުނިތަކުން ގާނޫނާ އެއްގޮތަށް އަމަލު ކުރަމުންދާތަން ފެނިވަޑައިނުގަންނަ ކަމަށެވެ. އެގޮތުން ބިޑް ކުރުމުގެ ސިޔާސަތު ނެތް ކުންފުނިތައް ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ތަންތަނުގެ ބޯޑަށް އައްޔަންކުރާ ފަރާތްތަކަކީ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވާ މީހުންތޯ ބެލަންޖެހޭ ކަމަށާއި ބޯޑަށް އައްޔަން ކުރާ ފަރާތްތައްް ސްކްރީން ކުރަމުންދޭތޯ ބަލާ ކަށަވަރު ކުރަންޖެހޭ ކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވެއެވެ. އަދި މީހުން އައްޔަން ކުރުމާއި ވަކި ކުރުމުގައި އަމަލު ކުރަން ޖެހޭނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ކަމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.
އަދި އެގޮތަށް އަމަލު ކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޕީބީސީ ބޯޑުން ސަރުކަރު ކުންފުނިތައް ހިންގުމަށް އެކުލަވާލަންޖެހޭ ގާނޫނުތަކާއި ބައިންލައަގުވާމީ ބެސްޓް ޕެރެކްޓިސް އާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އޭގެތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކުން ޕްރޮކިއުމަންޓް ސިޔާސަތު ހިންގާ ގޮތްތައް ބަލައި އެ ސިޔާސަތު ހިންގުމުގެ ގަވާއިދުތައް އެކުލަވާލައި އާންމުކޮށްފައި ވޭތޮ ބަލަން ޕީބީސީއަށް ޖެހޭ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.