ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފަތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ދެރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ ކުޅުދުއްފުށީ ބޯޓެއްގެ ކްރޫއެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. އޭނާ ބައްޔަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމަތްތައް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ ޕޮޒިޓިވް ކޭސްއެއް ފެނި އެ ކޭސްއާ ގުޅުން ހުރި ކޮންޓެކްޓް ދެނެގަތުމަށް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކައުންސިލްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އޭޖެންސީގެ ހުއްދަނެތި އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

ނޮޅިވަރަމް ކައުންސިލުންވެސް ވަނީ އެ ރަށުން މިވަގުތު އަރާ ފޭބުން މަނާކޮށް އިއުލާން ކޮށްފައެވެ. އަދި އެއީ އެޗްޕީއޭއިން ވަކި ގޮތެއް އަންގަން ދެން ކަމަށް އެ ރަށު ކައުންސިލުންވެސް ބުނެއެވެ.