ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި ފިނޭންސް މިނިސްޓްރީގެ ލޯޔަރު އަދި މިނިސްޓާ ބިއުރޯ ކޮމްޕިއުޓާ ސިސްޓަމްތަކުގެ ހާޑްޑިސްކް ގެންދިޔަ ކަމަ ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަމާން މުހައްމަދު ވިދާޅުވީ، އޭސީސީން ތަހުގީގު ކުރަނީ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ހިންގި މަޝްރޫއެއްގެ މައްސަލަ ކަމަށެވެ.
އޭނާ ވިދާޅުވީ، އޭސީސީން ކުރާ ތަހުގީގަކީ ރައީށް ވަހީދު ވެރިކަމުގައި ހިންގި މަޝްރޫޢަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަމާ ގުޅޭގޮތުން ކުރިއަށް ގެންދާ ތަހުގީގުތަކެއް ކަމަށެވެ.
އޭނާ މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން، އޭސީސީން އެ މިނިސްޓްރީގެ ލޯޔާ އަދި މިނިސްޓާ ބިއުރޯ ކޮމްޕިއުޓާ ސިސްޓަމްތަކުގެ ހާޑްޑިސްކް ގެންދިޔަ ވާހަކަ ދޮގުކޮށްފައި ވަނިކޮށެވެ.
މީޑިއާ އޮފިޝަން ވިދާޅުވީ، އޭސީސީއަކީ، އަބަދުވެސް ތަހުގީގުތަކަށް ތަންތަނަށް ގޮސް ތަކެތި ހޯދާ ބައެއް ކަމަށާއި އެފަދައިން، އެކި މައްސަލަތަކުގައި ފިނޭންސް މިނިސްޓްރީން ބޭނުންވާ ތަކެތި އަދި އެއްބާރުލުން އަބަދުވެސް އޭސީސީއަށް ދެމުންދާ ކަމަށެވެ. އަދި މިފަހަކުން އޭސީސީގެ ތަހުގީގަކަށް އެ މިނިސްޓްރީގެ ހާޑް ޑިސްކުތަކެއް ގެންގޮސްފައިވާ ކަން އެނގިފައި ނުވާ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
މިކަމާ ގުޅިގެން އޭސީސީން ބުނީ، އެ ކޮމިޝަނުގެ ތަހުގީގުތަކަށް އެކި ތަންތަނަށް ގޮސް މައުލޫމާތު ސާފު ކުރުމުގެ ގޮތުން ހާޑް ޑިސްކު ފަދަ ތަކެތި ވެސް ނަގާ ކަމަށެވެ. ނަމަވެސް، އެފަދަ މައުލޫމާތު ހާމަ ނުކުރާ ކަމަށް އެސީސީން ބުނެއެވެ. މިފަހަކުން ފިނޭންސް މިނިސްޓްރީއާ ގުޅޭ ކޮރަޕްޝަން މައްސަލައެއްގެ ގޮތުގައި އޭސީސީއަށް ހުށަހަޅާފައި ވަނީ ސިންގަލް ވިންޑޯ މަޝްރޫއުގެ މައްސަލައެވެ.
ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫގައި ކޮރަޕްޝަންގެ އަމަލެއް ހިނގިކަމަށް ބުނާ މައްސަލާގައި، ކޮރަޕްޝަން ހިނގާފައި ނުވާނެ ކަމަށް ދާދި ފަހުން ފިނޭންސް މިނިސްޓްރީން ބޭއްވި ޕްރެސް އެއްގައި ވަނީ ބުނެފައެވެ.