މިއަހަރު މިހާތަނަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު މިހާތަނަށް ދައުލަތުން ވަނީ ލިބުނު އާމްދަނީއަށް ވުރެ އިތުރަށް 7.8 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
މިއަހަރު މިހާތަނަށް ވަނީ، 9.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައެވެ. ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ޓީޖީއެސްޓީ، ޖީޖީއެސްޓީ އަދި ބީޕީޓީގެ ގޮތުގައި ލިބުނު ފައިސާއެވެ. ނަމަވެސް މިއަހަރު މިހާތަނަށް އައިއިރު، ޖުމްލަ 17.8 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. ހަރަދުގެ ގޮތުގައި އެންމެ ގިނަ ހޭދައެއް ކޮށްފައި ވަނީ މުސާރައާއި، އިނާޔަތްތަކުގެ އިތުރުން ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރި ފަރާތްތަކުގެ އެލަވަންސްގެ ގޮތުގައެވެ.
މިއަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި، 7.7 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، ނޮން ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބުނު އާމްދަނީ ގޮތުގައި 1.6 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 5.8 މިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި 571.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިން ލޯނުތައް ދެއްކުމަށް ވަނީ 19.5 މިލިއަން ރުފިޔާގެ ލުޔެއް ދީފައެވެ. އެހެންކަމުން އެ އަދަދު އާމްދަނީގެ ގޮތުގައި ނުބަލައެވެ.
މިއަހަރު ޕެންޝަނާއި، މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިދާރީ ހަރަދުތަކަށް 5.5 ބިލިއަން ރުފިޔާ އަދި ގެއްލުމުގެ ގޮތުގައި ނުވަތަ އަނބުރާ ނުލިބޭނެ ފައިސާގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މުދަލާއި، އިމާރާތްތައް އަދި ތަރައްގީގެ މަޝްރޫއުތައް ފަދަ ކަންކަމަށް ޖުމްލަ 4.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ލޯނުގެ ގޮތުގައިި 930 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ (ސެޕްޓެމްބަރު 13 އިން 17 އަށް)ގެ ތެރޭގައި އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބުނު، 1.9 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެހެންކަމުން މިދިޔަ ހަފްތާގައި ދައުލަތަށް ކޮށްފައި ވަނީ 104 މިލިއަން ރުފިޔާގެ ގެއްލުމެކެެވެ.