ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާއިން ފަށައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، ރާއްޖޭގެ އުތުރުގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ތައްޔާރުކުރުމުގެ މަސައްކަތް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) އިން ފަށާފައިވާ ކަމަށެވެ.

އެގޮތުން އޭއޭއައިގެ އިސް ފަންތީގެ ބޭފުޅުން ހިމެނޭ ޑެލިގޭޝަންއެއް މި ހަފްތާގައި ރާއްޖެއަށް ވަޑައިގެންފައި ވާކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން އުތުރުގެ ރަށްރަށުގެ މަޖްލިސް މެމްބަރުންނާ ވެސް މި މަޝްރޫއު އާ ގުޅިގެން ވަނީ މަޝްވަރާ ކުރެއްވުމަށް ބައްދަލުކުރައްވާފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ، އޭއޭއައިގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރި ޓީމް ވަނީ ހަނިމާދޫއަށް ޒިޔާރަތްކޮށްފައި ކަމަށެވެ. ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރެވި (އޭ320 އަދި ބޮއިންގް 737 މަރުކާގެ އުޅަންދުތަށް ލޭންޑް ކުރެވޭނެހެން)، ޓާމިނަލްތަކާއި، ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަން އާއި ކާގޯ ޓާމިނަލް އަޕްގްރޭޑް ކުރެވޭނެ ކަމަށް އިންޑީއާ ހައިކޮމިޝަނުން ބުނެއެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނެއް ކަމަށް ވެސް އެފަރާތުން ބުނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެ ކަމަށް ވެސް ބުނެއެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ފެށުމަކީ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ރައީސް އިބޫ ސޯލިހްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރިޖެކްޓެެވެ.

އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަންޑް ކުރަން ނިންމާފައެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އުމްރާނީ ތަރައްގީގެ 7 މަޝްރޫއެއް މިހާރު އެބަ ހިންގެއެވެ. މީގެ ތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އާއި، އައްޑޫ މަގުތައް ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އާއި، ގުޅީފަޅު ބަނދަރު މަޝްރޫއު އާއި، މިފްކޯގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި، ހުޅުމާލޭގައި ބިނާ ކުރެވޭ ކްރިކެޓް ދަނޑާއި، ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި، ހުޅުމާލޭގައި ބިނާ ކުރެވޭ ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއު ހިމެނެއެވެ.