ހައިކޯޓުގެ ފަނޑިޔާރު ކަމަށް ސ .ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި ފާތުމަތު ފަރުހީޒާ އާއި ހަސަން ޝަފީއު އައްޔަން ކުރަން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތައް "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ" ކޮމިޓީން ސްކްރީންކޮށް، އިންޓަވިއު ކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ރިޕޯޓުގެ ތަރުތީބުން، "ހައިލީ ރިކޮމެންޑް" ކޮށްފައިވަނީ ސ.މަރަދޫ ޒެފެއާ، ފާތުމަތު ފަރުހީޒާ ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި އެ ރިޕޯޓުގައި "ރިކޮމެންޑް" ކޮށްފައިވާ ދެވަނަ ފަރާތަކީ ކ.ދިއްފުށީ ސްވީޓްމީޑް، ހަސަން ޝަފީއު ކަމަށް ޖޭއެސްސީން ބުނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފަރުހީޒާ އާއި ޝަފީއު ފެންނަ ކަމަށް މި މަހުގެ 20 ވަނަ ދުވަހު އެ ކޮމިޝަންގައި ބޭއްވި 68 ވަނަ ޖަލްސާއިން ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ބުނެއެވެ.
ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ފަރުހީޒާއަކީ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުކަމުގައި 10 އަހަރުދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޕަބްލިކް ޕްރޮސެކިއުޓާއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، ގާނޫނީ ދާއިރާއިން ކިޔަވައި ދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެކެވެ.
ހަސަން ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯ (އެން.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝަފީއުއަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ގާނޫނީ ދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރެއްވުމުގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ.