އަޑުއެހުމާއި ވާހަކަ ދެއްކުމުން މަހުރޫމް ވެފައިވާ މީހުންނަށް ހާއްސަކޮށް އިޝާރާތުން ވާހަކަ ދައްކާ "ސައިން ލެންގްއޭޖް ދުވަސް" ފާހަގަ ކުރުމުގެ ގޮތުން އިޝާރާތުން ފަސްޓްލޭޑީ ފަޒްނާ އަހްމަދު ވާހަކައެއް ވިދާޅުވެ ދެއްވައިފިއެވެ.

ރައީސް އޮފީހުން އާންމު ކޮށްފައިވާ ވީޑިއޯ ފައްޓަވަމުން މެޑަމް ފަޒްނާ ވަނީ ބައިނަލްއަގްވާމީ ސައިން ލެންގްއޭޖް ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް އަރިސް ކުރައްވާފައެވެ.

އެގޮތުން ސައިން ލެންގްއޭޖުން އެކަމަނާ ވަނީ ވާހަކައެެއް ވިދާޅުވެ ދެއްވާފައެވެ. އެ ވާހަކަ ވިދާޅުވެ ދެއްވަމުން އެކަމަނާ ވަނީ އިޝާރާތް ބޭނުން ކުރައްވާފައެވެ.

މެޑަމް ފަޒްނާ ވާހަކައެއް ވިދާޅުވެ ދެއްވާފައި ވާއިރު، ވާހަކަ ދެއްކުމާއި އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްތައް ހުރިހާ ކަމެއްގައި ބައިވެރި ކުރުމުގެ ގޮތުން އެންމެން ވެސް އިޝާރާތް ބަހުގެ ކޮންމެވެސް މިންވަރެއް ދަސްކުރުމަށް އެކަމަނާ ވީޑިއޯގައި އެދިވަޑައިގެންފައި ވެއެވެ.

ބައިނަލްއަގްވާމީ އިޝާރާތުން ވާހަކަ ދައްކާ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 23 ވަނަ ދުވަހެވެ.