އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއްކަމަށްވާ ދި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 5 މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިދީ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާކަމަށްވާ ބީއެމްއެލް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އައިޓީއެފްސީން ހަމަޖައްސައިދިން މި ފެސިލިޓީ އަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ހާއްސަކޮށް ރާއްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ (ރޯ މެޓީރިއަލް) ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީއެކެވެ.
އަައިޓީއެފްސީ އިން ފުޅާދާއިރާއެއްގައި ޕްރައިވެޓް ސެކްޓާއަށް އަމާޒުކޮށް އެހީތެރިވުމަށް އެކި ގައުމުތަކުގެ ލޯކަލް ބޭންކްތައް މެދުވެރިކޮށް ފައިނޭންސް ދޫކުރަމުންދާއިރު، ބީއެމްއެލް އަކީ އައިޓީއެފްސީ އާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ. މި ފައިނޭންސް ހަމަޖެހިގެން މިދަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި މާލީ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އެރުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި އޯއިސީގެ މެންބަރު ގައުމުތަކަށްވެސް އިޖްތިމާއީ އަދި އިގްތިސާދީ ހީނަރުކަން ދިމާވެފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މި ފައިނޭންސް އެހީތެރިވެދެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އައިޓީއެފްސީގެ ސީއީއޯ އީއެންޖީ ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓްކުރުމަށް ބީޢެމްއެލްއާ ގުޅިގެން މި ފައިނޭންސް ތައާރަފް ކުރެވޭކަމީ ލިބޭ ފަހުރެއް ކަމަށެވެ.
އައިޓީއެފްސީގެ ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސަކީ ގައުމުތަކުގައި ހިންގަމުންދާ ބީއެމްއެލް ފަދަ މާލީ އިދާރާތަކާ ގުޅިގެން އެފަރާތްތައް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އައިޓީއެފްސީ އިން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ދިވެހިރާއްޖޭގެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.