މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 192 ބިޔަރުދަޅާއި އެހެނިހެން މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން އެ އޮޕަރޭޝަން ހިންގާފައި ވަނީ މިމަހު 21 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 10 ޕެކެޓު ބަނގުރާ އާއި، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި އެ ޕިކަޕު ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމަތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަނގްލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނަކު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ ޒުވާނުން ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.