މިއަދު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދކީ 48 ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިއަދު ކޮވިޑްގެ 48 ކޭސް ފެނިފައިވާއިރު އިއްޔެ ވަނީ 46 ކޭސް ފެނިފައެވެ. މިއީ ފަހަކަށް އައިސް ކޮވިޑް ކޭސް އެންމެ މަދުން ފެނިފައިވާ ދެ ދުވަހެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 48 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 47 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި އެންމެ މީހެއް ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 48 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9818 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 48 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 8438 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 92 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 674 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 23 ރަށަކާއި 25 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 16 ޓޫރިސްޓަކާއި 34 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ އަތޮޅުން ދިއްދޫ އާއި އިހަވަންދޫއާއި ކެލާ، ހދ. ހިރިމަރަދޫ، ށ. އަތޮޅުން ކަނޑިތީމާއި މަރޮށިއާއި ފީވަށް، ނ. އަތޮޅުން މަނަދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރު، ޅ. އަތޮޅުން ނައިފަރު، ކ. އަތޮޅުން ހިންމަފުއްޓާއި ހުރާ، އއ. އަތޮޅުން މާޅޮސް، ދ. އަތޮޅުން ކުޑަހުވަދޫއާއި ހުޅުދެލި، ތ. އަތޮޅުން ވޭމަންޑޫ، ގއ. ވިލިގިނލި އާއި މާމެންދޫ، ގދ. އަތޮޅުން ގައްދޫއާއި ހޯޑެއްދޫއާއި، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

ރަށްރަށުން ފެނިފައިވާ ކޭސްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމްލަ 42 މީހުންނެވެ. އެއީ 28 ދިވެހިންނާއި 14 ބިދޭސީންނެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އާއި ގދ. މަޑަވެލި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީގައި އެކަނނެވެ. އެ ފެސިލިޓީގައި 3 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.