ހިޔާ މަޝްރޫއުގެ ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސް އިއުލާންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖައާ ކުރުމަށްފަހު، H09 ކެޓަގަރީ މާލޭ މުނިސިޕަލިޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން އިއުލާންކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާއިން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައްވާފައި ވަނީ ރައީސް އޮފީހުގެ ލިންކު މެދުވެރިކޮށް ކަމަށް އެ ފަރާތުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ފްލެޓު ކޮމިޓީން މިއަދު ނެރެފައިވާ އިއުލާނާއިއެކު H09 ކެޓެގަރީއން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު އެ ކެޓެގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓުތައް ޝާއިއުކޮށްފައިވާ ކމަށެވެ. އެ ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބުވެސް ހިމަނާފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ހާމަކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.