ވާދަވެރި އެޖެންޑާއެއްގެ ސަބަބުން އޮޅުވާލެވެނީ ރައްޔިތުންނަށް އެކަނި ނޫން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ނުރަނގަޅު ސިޔާސީ ސަގާފަތެއް އޮތުން ކަމަށް ވިދާޅުވެފައެެވެ. އެގޮތުން ގައުމަށްޓަކައި ގައުމުގެ ލީޑަރުން އެކަކު އަނެކަކަށް ރައްދުގައި ވާހަކަ ދެއްކުން ހުއްޓާލައްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ޝަރީފް އިލްތިމާސް ކުރެއްވިއެވެ.
ވާދަވެރި އެޖެންޑާއެއްގައި މަސައްކަތް ކުރުމަކީ ރައްޔިތުން ބައިބައިވެގެން ދާނެ ކަމެއް ކަމަށާއި އެފަދަ އޮޅުންބޮޅުން އަރާ ފަދަ މެސެޖްތަކުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރާނީ ރައްޔިތުންނަށް އެކަނި ނޫން ކަމަށާއި އެކުވެރި ގައުމުތަކަށް ވެސް އެފަދަ މެސެޖްތަކުން އޮޅުވާލެވެނީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިހާރުގެ ހާލަތަށް ރިއާޔަތް ކުރައްވަމުން ޝަރީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ގައުމު ހިންގުމަށްޓަކައި ވެރިކަމަށް ވަޑައިގަތުމަށްފަހު ދައުލަތު ހިންގުމުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަރުކާރުގެ އެކި ފަންތިތަކަށް އަމާޒްކޮށްގެން ހަރުދަނާ އުސޫލުތަކަކާއި މިންނަތް މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. ނަމަވެސް އަދިވެސް ހައްލު ނުކުރެވި ހުރި ގިނަ ކަންކަން ހުރިކަމާއި އެކަންކަން ހައްލު ނުކުރެވި ހުރީ މި ވަގުތުގެ ހާލަތާއި ސިޔާސީ މަސްރަހްގެ ހާލަތު ނާޒުކު ކަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ވަގުތު ގައުމަށް ދިމާވެފައިވާ ދަތި ހާލަތު ސިފަކޮށްދެއްވަމުން ޝަރީފް ވިދާޅުވީ، މި ވަގުތު ސަރުކާރުގެ ވުޒާރާތަކާއި ޝަރުއީ ކަންކަން ނިންމާ އިދާރާތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުގެ މަސައްކަތްތަކާއި ޒިންމާތައް މަސްހުނި ވެފައިވާ ކަމަށެވެ. އެކަން އެހެން ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ މި ގައުމުގައި އޮތް ނުރަނގަޅު ސިޔާސީ ސަގާފަތެވެ.
މީގެ އިތުރުން މިކަމަށް ހައްލެއްގެ ގޮތުގައި މަޖިލީހުން ވެސް ރައީސް ސޯލިހް ކުރައްވާ މަސައްކަތަށް އެއްބާރު ލުން ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭރުން ގައުމު ރަނގަޅަށް ބައްޓަން ކުރެވި އުޖާލާ މުސްތަގްބަލެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.