ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، 511 ބިޔަރު ދަޅާއި، 116 ބަނގުރާ ފުޅިއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ހެންވޭރު ގެއެއް ކައިރީގައި ޕިކަޕަކުން އެއްޗިހިތަކެއް ބާލަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އެ ޕިކަޕު ބަލައި ފާސްކުރިއިރު 511 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމަހު 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، މާލެ ސިނާއީ ސަރަހައްދުން ވޭން އެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 116 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.