ގދ. ހޯޑެއްދޫގައި ކޮވިޑް-19 ފެތުރެމުން ދާއިރު، އެރަށުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 44 އަށް އަރައިފިއެވެ.
އިއްޔެ އެރަށުން އާ ދެ ކޭސް ފެނިފައިވާ ކަމަށް އެރަށު ހެލްތް ސެންޓަރުން ބުނާއިރު، މިމަހު 3 ވަނަ ދުވަހުން ފެށިގެން އެ ރަށާއި، ގުޅިފައިވާ މަޑަވެލި އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ހޯޑެއްދޫއިން ޖުމްލަ 44 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 4 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ބަލިން ރަނގަޅުވެފައި ވަނީ އެރަށު ފުރަބަންދު ކަރަންޓީނުން ޕޮޒިޓިވްވި 4 މީހެކެވެ. އެކްޓިވް ކޭސްގެ ގޮތުގައި 40 ހުރިއިރު، އެއީ ފުރަބަންދު ކަރަންޓީން ކެސްތަކާ އެއްވެސް ގުޅުމެއް ނެތް، ދަތުރުނުކުރާ ބައެއްގެ މެދުގައި އުފެދިފައިވާ ކްލަސްޓާއެކެވެ. އެ ކްލަސްޓާގެ ތެރެއިން ޕޮޒިޓިވް ދެމީހަކަށް ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު، ދެން ތިބި މީހުން ތިބީ ހޯމް ކަރަންޓީނުގައެވެ.
ހޯޑެއްދޫއިން މިހާތަނަށް ވަނީ ރެންޑަމް ސާމްޕަލްއާ އެއްކޮށް 344 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 250 ސާމްޕަލް ނެގެޓިވްވެފައިވާއިރު 44 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 50 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.
ގުޅުން ނެތް ކްލަސްޓާއެއް ހޯޑެއްދޫއިން ފެނިފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން، އެރަށު ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމުންނެވެ. ފުރަތަމަ ދެމީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ދެ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވަނީ އިތުރު 38 މީހަކު ފާހަގަ ކުރެވިފައެވެ.
ހޯޑެއްދޫގެ އިތުރުން ރާއްޖޭގެ 19 ރަށެއްގައި މިހާރު އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އަދި 21 ފަތުރުވެރިންނާއި 48 ސްޓާފުން ހިމެނޭ ގޮތަށް ރާއްޖޭގެ 29 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސް އެބައުޅެއެވެ. ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ މީހުްނގެ އަދަދު 9495 އަށް އަރާފައިވާއިރު 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
މި ބަލީގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތީ ހަމައެކަނި ހޯޑެއްދޫ އާއި މަޑަވެއްޔެވެ.