މަރްހޫމް ހުސައިން މުހައްމަދު ނިޔާވެގެން ދިއުމުން އެ ޕާޓިއަށާއި އޭނާއަށް ގެއްލިގެން ދިޔައީ ވަރަށް ގާތްް ރަހްމަތްތެރިއެއް ކަމަސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ އޮންލައިންކޮށް ބޭއްވި މަރްހޫމް ހުސައިން މުހައްމަދުގެ ތައުބީން ޖަލްސާގައި ވާހަކަަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރެއަކީ ވަރަށް ހިތާމަވެރި ރެއެއް ކަމަށެވެ. ހުސައިން މުހައްމަދަކީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި ވަރަށް ވަފާތެރި އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ހުސައިން ނިޔާވެގެން ދިއުމުން އެ ޕާޓީއަށާއި އޭނާށް ގެއްލިގެން ދިޔައީ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ރޭ ބޭއްވި ތައުބީން ޖަލްސާގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ އަދި މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ޖަލްސާގައި އެ މަރްހޫމްގެ އާއިލާ ބޭފުޅުންނާއި ގާތް ރަހްމަތްތެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ރާއްޖޭގައި މިފަދަ ތައުބީންގެ ޖަލްސާއެއް އޮންލައިންކޮށް ބޭއްވި ފުރަތަމަ ފަހަރެވެ.

ހުސައިން މުހައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން ތިން ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، ސަރުކާރަށް 28 އަހަރަށް ވުރެ ދިގު މުއްދަތެއް ގައި ހިދުމަތް ކުރައްވައިފައިވެއެވެ.

މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ހަތަރު ވަނަ ދުވަހު ރެއެވެ.