މަރްހޫމް ހުސައިން މުހައްމަދަކީ ބައްޕައެއް ފަދައިން ވަރަށް ގާތްކޮށް ދެކެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި އެ މަރްހޫމް ނެތިގެން ދިއުމަކީ ފޫނުބެއްދޭ ވަރުގެ ކަމެއްގެ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ސިފަކުރައްވައިފިއެވެ.
މިރޭ އޮންލައިންކޮށް ބޭއްވި މަރްހޫމް ހުސައިން މުހައްމަދުގެ ތައުބީން ޖަލްސާގައި ވާހަކަަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ހުސައިން މުހައްމަދަކީ ވަރަށް ހިތް ހެޔޮ ސާދާ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ. ދުވަހަކުވެސް ހިތްހަމަނުޖެހޭ ކަމެއް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. ހުސަައިން މުހައްމަދާއި ފައިސަލް އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ ޏ. ފުވައްމުލަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރާ އެކުގައި ކަމަށް ފައިސަލް ފާހަގަ ކުރެއްވިއެވެ.
2004 ވަނަ އަހަރުގެ މަޖިލީހުގަ އާއި ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގައި ހުސައިން މުހައްމަދާ އެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ މަރްހޫމަކީ ކަންކަމުގައި ވަރަށް ރަނގަޅު އިރުޝާދު ދެއްވާ ބޭފުޅެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަބަދުވެސް ކަންކަން ކުރެއްވުމުގައި އެއީ ވަރަށް ރަނގަޅު ލަފާ ދެއްވާ ބޭފުޅެއް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
އެގޮތުން ހުސައިން މުހައްމަދުގެ އެންމެ ރީތި ސިފައެއްގެ ގޮތުގައި ފައިސަލް ފާހަގަ ކުރެއްވީ އޭނާގެ ހިތުގައި އެއްވެއް މީހަކަށް ބުރަކަމެއް ނުބާއްވަވާ ކަމެވެ. މީގެ އިތުރުން ފައިސަލް ވަނީ އެ މަރްހޫމް ހިދުމަތް ކުރެއްވި ދެ ދާއިރާ ކަމަށްވާ ތައުލީމީ ދާއިރާއާއި މީޑިއާގައި ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. އަދި ހުސައިން މުހައްމަދު ނެތި ދިއުމަކީ ފޫ ނުބެއްދޭ ވަރުގެ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިރޭ ބޭއްވި ތައުބީން ޖަލްސާގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ އަދި މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ޖަލްސާގައި އެ މަރްހޫމްގެ އާއިލާގެ ބޭފުޅުންނާއި ގާތް ރަހްމަތްތެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިއީ ރާއްޖޭގައި މިފަދަ ތައުބީންގެ ޖަލްސާއެއް އޮންލައިންކޮށް ބޭއްވި ފުރަތަމަ ފަހަރެވެ.
ހުސައިން މުހައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން ތިން ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، ސަރުކާރަށް 28 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައި ވެއެވެ.
މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ހަތަރު ވަނަ ދުވަހު ރެއެވެ.